ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތް، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ ރޭ، ސޯޝަލް ސެންޓަރުގައެވެ.

މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތައް ފަހުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާ ބަންގްލަދޭޝްއެވެ. މެޗު ފަށްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވާފައެވެ. އަދި މިމެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ.

މިމަހުގެ 14 އިން 22 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ގައި، ބައިވެރިވެފައި ވަނީ، ބޫޓާން، ބަންގްލަދޭޝް ، ނޭޕާލް، ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެއިންނެވެ. މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ވަނީ، މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދާފައެވެ.

Five Nations cup: Nepal athun Bhutan ah molheh, Mubaaraaiy rasmeekoh hulhuvaany mirey - Hali News

މިއީ މިދައުރުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ. ރާއްޖެއަކީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ޤައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދިވެހި ޒުކުޅިވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކޮށް ކުރިޔަށް ދިޔުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުމެވެ.