ލަކްނައު އާއި އިންޑިއާގެ އެހެން ސިޓީތަކުގައި ދަށުފަންތީގެ ޑާލިޓް މީހުންގެ ދިފާއުގައި މުޒާހަރާ ކޮށްފިއެވެ. ލަކްނައުގައި މުޒާހަރާ ކުރި ދަށުފަންތީގެ މީހުން ތާއީދުކުރާ ސަމާޖްވާޑީ ޕާޓީގެ މީހުންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.
ހާތްރާސްގައި މަތީ ފަންތީގެ ހަތަރު މީހަކު ވެގެން ގޭންގް ރޭޕް ކުރި އަންހެން މީހާގެ ޖަރީމާގެ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިމީހުންގެ މައްޗަށް އަދިވެސް ޖިނާއީ ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ފުލުހުންގެ ވެރިޔާ ދިން އިންޓަރވިއުގައި ބުނެފައިވަނީ ޒުވާން އަންހެނާ މަރުވެފައި ވަނީ ކަނދުރާއަށް އަނިޔާވެގެންނެވެ. އޭނާގެ ހަށިގަނޑުން މަނީގެ އަސަރެއް ފެނިފައި ނުވާކަމަށެވެ.
ކިޔާލަން: ގޭންގްރޭޕް: ދަނޑުމަސައްކަތުގައި ހުއްޓާ އަންހެނަކު 4 މީހެއްގެ ޝިކާރައަކަށް
އަންހެނާގެ އާއިލާއިން ބުނަނީ ޕޯސްޓްމޯޓަމް ރިޕޯޓްގައި އޭނާގެ ރޭޕްކޮށްފައިވާ ކަމަށްމ ބުނެފައިވާ ކަމަށެވެ.
އާއިލާގެ ރުހުމާ ދެކޮޅަށް ރޭނގަނޑުގެ ކަނު އަދިރީގައި ދަންވަރު 3 ޖެހިއިރު، ފުލުހުން ވަނީ އަންހެންމީހާ އަންދާލާފައެވެ. މި މައްސަލަ ސުއޯ މޮޓޯ ކޮށް ކޯޓުން އިސްނަގައިގެން ބެލުމަށް އިލާހްއާބާދު ހައިކޯޓުން ދެ ފަނޑިޔާރުންގެ ބެންޗަކުން ވަނީ އަމުރު ފޮނުވާފައެވެ.
ކިޔާލަން: ހައި ކޯޓުން އަމިއްލަ އިސްނެގުމަކަށް ރޭޕް ކޭސް ބަލަނީ
ޑާލިޓް ފަންތީގެ މީހުންގެ ހައްގަށް މަސައްކަތް ކުރާ ޗަންދްރަ ޝޭކަރް އާޒާދުގެ ބީމް އާމީން ވެސް ދިއްލީގެ ޖަންތަރު މަންތަރު މައިދާނުގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ސިޔާސީ ޕާޓީ ތަކާއި އާންމު ރައްޔިތުންގެ ބަޔަކު ވަނީ ޖަންތަރު މަންތަރުގައި މިއަދު މުޒާހަރާ ކޮށްފައެވެ.
އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ތަފާސްހިސާބު ދައްކާ ގޮތުން ކޮންމެ 15 މިނެޓަކުން އަންހެނެއްގެ އިއްފޭރި ގަނެވެއެވެ.
ގޭންގް ރޭޕް މައްސަލާގައި ތުހުމަތު ކުރެވިގެން ޙުކުމް އިއްވި ބަޔަކު ދަން ޖެއްސިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އެހެން ނަމަވެސް މި ގައުމުގައި މީހުން އަންހެނުންގެ ގަޔަށް ގަދަކަމުން އެރުމުގައި، ޑަރް ހީވާ ހެންވެސް ހިއެއް ނުވެއެވެ.
ތިރްނަމޫލް ކޮންގްރެސްގެ މީހުން ވެސް ވަނީ ހާތްރާސްގައި މުޒާހަރާ ކޮށްފައެވެ. ފުލުހުން ވަނީ ހުރިހައި ދިމާއަކުން ރަށް ވަށާލާފައެވެ. އާއިލާއިން ބުނަނީ ފުލުހުން އިންޒާރު ދީފައިވާ ގޮތުގައި ނޫސްވެރިން މި އަވަށުން ދުރަށް ދިއުމުން ދެން އެމީހުންނަށް ރައްކާތެރިކަން ދޭން އަންނާނީ ކޮންބަޔެއް ހެއްޔެވެ؟
ޕްރިޔާންކާއާއި ރާހުލް ގާނދީގެ ދެބޭންވެސް މިތަނަށް މުޒާހަރާއަށް ދިއުމުން ފުލުހުން ވަނީ އެމީހުން ފޮޅާލާފައެވެ.
ރާހުލްއާ ދެކޮޅަށް ފުލުހުން ކަންކުރި ގޮތް މަހަރާޝްޓްރާގެ ވެރިކަން ކުރާ ޝީވް ސޭނާއިން އިންވެސް ކުށްވެރިކުރިއެވެ. އެ ޕާޓީގެ ލީޑަރަކު ސިފަ ކުރީ އެއީ ޑިމޮކްރެސީ ގޭންގްރޭޕް ކުރުމެއް ކަމުގައެވެ.
ގާނޫނީ ވަކީލު ޕްރަޝާންތު ބޫޝާން ސިފަ ކުރިގޮތުގައި ޔޫޕީގައި ހިނގަމުން ދަނީ ގުންޑާއިންގެ ވެރިކަމެވެ. ބޫޝާންއަކީ އިންޑިއާގެ ޗީފް ޖަސްޓިސް ހާލީޑޭވިޑްސަންއެއް ދުއްވައިގެން އެވާހަކަ ލިޔުމުން ސުޕްރީމް ކޯޓަށް އިހާނެތިކޮށް ބަސްބުނީކަމަށް ބުނެ މައްސަލަ ބެލި ވަކީލެވެ. އޭނާ ވަނީ ބޮޑު ކޯޓުން އެދުމުން މައާފަށްވެސް ނޭދިފައެވެ. އަދި އެއް ރުޕީސް އިން ޖުރިމާނާ ކުރުމުން އެވެސް ދައްކަން އިންކާރު ކޮށްފައެވެ.
ޔޫޕީގެ ޗީފް މިނިސްޓަރ ޔޯގީ އަދީތިޔަނާތު މިއަދު ޓުއިޓާގައި ބުނެފައި ވަނީ އަންހެނުންނަށް ގޯނާ ކުރާ މީހުންނަށް ފިލާވަޅެއް ލިބޭ ފަދަ އަދަބެއް އަންހެނުންނަށް ގޯނާ ކުރާ މީހުންނަށް އަންނާނެއެވެ. ކުރިމަތި ވެފައިވާ މައްސަލާގައި ޔޯގީ އެއްޗެއް ނުބުނެއެވެ. ޔޯގީއަކީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ.