މިސްރުގެ އައު ވެރިރަށަށް ސަރުކާރުގެ އޮފީސް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޤާހިރާގެ އިރުމަތިން ސަހަރާގައި ހަދާފައިވާ އައު ވެރިރަށަކީ، ރައީސް އަބްދުލްފައްތާޙް ސީސީގެ ޚާއްސަ މަޝްރޫއެކެވެ. ވެރިރަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިކަމަށް ދީފައިވާ މުއްދަތަށް އަހަރެއް ފާއިތުވި ފަހުންނެވެ.
މިސްރު ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ހޫނު މޫސުމް އަންނަ އިރަށް ސަރުކާރު މުވައްޒަފުންނާއި އޮފީސްތައް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި ނިމޭނެއެވެ.
އައު ވެރިރަށުގައި ސަރުކާރު އިމާރާތްތައް ޑިޒައިން ކޮށްފައި ވަނީ ފިރުއައުނު ހަޞާރާއާއި އިސްލާމީ ޑިޒައިނަށެވެ. އަދި ޕާލަމެންޓަށް ޚާއްސަ ގުއްބުލާފައިވާ ދެ އިމާރާތްވެސް ބިނާ ކޮށްފައި ވެއެވެ.
އައު ވެރިރަށް ޑިޒައިން ކޮށްފައިވަނީ އެކި ބޭނުންތަކަށް ސަރަހައްދުތައް ކަނޑައަޅާފައެވެ. ބިޒަނަސް ޑިސްޓްރިކްޓްގައި ދަތުރުފަތުރުގެ ފަސޭހައަށް މޮނޯ ރެއިލްއެއްގެ ޚިދުމަތް ދިނުން ހިމނެއެވެ.
އިތުރަށް ވިދާޅުވުމަށް: މިސްރުގެ އައު ވެރިރަށް ސްމާޓް ސިޓީއެއް
އައުވެރިރަށަށް އައި ދިނުމަށް ހަމަޖެހިފައިވާ ނަމަކީ ނިއު އެޑްމިނިސްޓްރޭޓިވް ކެޕިޓަލް އެވެ. މިތާގައި ޔުނިވަރސިޓީ އިމާރާތްތަކާއި ޑިޕްލޮމޭޓުންނަށް ޚާއްސަ ސަރަހައްދަކާއި މުނިފޫގހި ފިލުވުމަށް ޚާއްސަ މަރުކަޒުތައް ހިމަނާފައި ވެއެވެ.
2015 ގައި އައު ސިޓީ އިމާރާތް ކުރަން ފެށި އިރު ޔޫއޭއީ އިންވެސް ފަންޑް ކުރުމަށް ނިންމިއެވެ. ނަމަވެސް ކުއްލިއަކަށް އޫއޭއީން ފަންޑް ހުއްޓާލުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ލަސްވީއެވެ.
168 އަކަ ކިލޯމީޓަރުގެ މި ސިޓީ ބިނާ ކުރެވެނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ސަރުކާރުގެ އިމާރާތްތައް ބަދަލުކުރާއިރުވެސް ތިން ފިޔަވަހި ނިމިފައެއް ނުވާނެއެވެ.
މަސްއޫލުވެރިން ވިދާޅުވަނީ ޖުލައި މަހު ސަރުކާރު މުވައްޒަފުން ބަދަލުކުރުމަށްފަހު ރަސްމީކޮށް އިފްތިތާޙު ކުރާނީ 2021 ގެ ފަހުކޮޅުގައެވެ.
މި ސިޓީ ނިމޭއިރު ހަ މިލިއަން މީހުން މިތާގައި ދިރިއުޅޭނެ ކަމަށް ލަފާ ކުރެވެއެވެ.