ހާތްރާސްގެ މަތީ ފަންތީގެ މީހުން ވަނީ އެމީހުންގެ ފަންތީގެ އިންސާނުންގެ ބައްދަލުވުމެއް، މަޒްލޫމް އާއިލާގެ ގެއާ މާދުރު ނޫން ހިސާބެއްގައި އިންތިޒާމުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި މަރުހޫމާގެ ހަށިގަނޑުން މަނީގެ އަސަރެއް ފެނިފައެއް ނުވެއެވެ. އެހެންވެ، އެއީ ރޭޕް ކޭހެއް ކަމަކށް ނުބެލެވޭނެ ކަމަށެވެ.
އިންޑިއާ ގާނޫނާއި ރޭޕް:
އިންޑިއާއިން ރޭޕްއާ ދެކޮޅަށް ގާނޫނު ފާސްކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ.
މިގާނޫނު މާނަކޮށްފައިވާ ގޮތުން، އަގައިން ކަމުގައި ވިއަސް އަދި ގުނަވަނެއް ނުވަތަ އެހެން އެއްޗެއް ވައްދައިގެން ކަމުގައިވިއަސް ހިންގާ އަމަލަކީ، ރޭޕްގެ އަމަލެކެވެ.
ރޭޕްކުރެވޭ މީހާ، ގަދަކަން ދެއްކި ކަން ފެންނާން ނެތް ކަމުގައި ވިއަސް އެއީ އޭނާ އެއަމަލަށް ރުހުން ދިންކަމަށް މާނައެއް ނުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ފުލުހުންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މަނި ހުރުން ނުވަތަ ނެތުން އެއީ، ރޭޕްކުރުން ނުވަތަ ނުކުރުން ސާބިތުކޮށްދޭނެ ކަމެއް ނޫނެވެ. ރޭޕް ކުރުން ނުކުރުން ސާބިތުކޮށްދޭން އެހެން ގަރީނާތަކެއް ބޭނުންވާ ކަމުގައި އެމީހުން ބުނެއެވެ. އެހެންވެ، ފުލުހުންނަށް ރޭޕްގެ އަމަލެއް ހިނގާފައިނުވާ ކަމަކަށް ނުބުނެވޭނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.
ޔޭލް ޔުނިވަރސިޓީގެ ލޯ ޑޮކްޓަރޭޓް ޕްރަކާޝް ސިންގ ބުނާ ގޮތުން އިންޑިއާ ފުލުހުން ރޭޕްގެ ގާނޫނަށް އަހުލުވެރިކުރުމަށް ތަމްރީން ކޮށްފައިވާއިރުވެސް އެމީހުން ރޭޕްގެ މައްސަލަތަކަށް ސަމާލުކަން ދެއެކޭ ނުބުނެވޭނެއެވެ. ސިންގއަކީ ކުރިން ޔޫޕީގެ ފުލުހުންގެ އިސްވެރިއެކެވެ.
ކަން ހިނގައި ދިޔަ ގޮތް:
ޒުވާނާ ރޭޕްކޮށްފައި ވަނީ 14 ސެޕްޓެމްބަރުގައެވެ.
އޭނާ ގޭންގް ރޭޕްކޮށްފައިވާ ކަމަށް ބުނެ ފުލުހުން ބަޔާން ނަގާފައި ވަނީ އަށް ދުވަސް ފަހުންނެވެ.
އޭނާގެ ގުނަވަނުން ނަގާފައިވާ ކަފަ ބުރުގެ ސާމްޕަލްތައް ލެބޯޓްރީ ތަހުލީލަށް ފޮނުވާފައިވަނީ ހާދިސާގެ 11 ދުވަސް ފަހުން، 25 ސެޕްޓެމްބަރު ގައެވެ.
ރޭޕްގެ އަތްމަތީ ފޮތް ބުނަނީ ކީކޭ؟
ރޭޕްގެ ހާލަތްތަކުގައި ކަން ކުރަންވާ ގޮތުގެ އަތްމަތީ ފޮތް މިއީ 73 ސޮފްހާގެ ފޮތެކެވެ. މި ފޮތުގައި ބުނަނީ ޖިންސީ ޝިކާރައަކަށް ވެފައިވާ ކަމަށް މީހަކު ބުނެފިނަމަ، ހަތަރު ދުވަސް ތެރޭގައި ނުވަތަ 96 ގަޑި އިރު ތެރޭގައި (އެންމެ މަދުވެގެން) ސާމްޕަލް ނަގަންވާނެ ކަމަށެވެ.
މި އެސްއޯޕީ ބުނާ ގޮތުން 72 ގަޑި އިރު ނުވަތަ ތިން ދުވަސްފަހުން ސާމްޕަލް ނަގައިފިނަމަ، މައްސަލަ އެނގުމުގެ ފުރުސަތު ހަނިވެގެން ހިނގައިދާނެ އެވެ.
މަނީގައި ހިމެނޭ ދިރޭ ފަނި، ދަނެގަނެވޭނީ 72 ގަޑި އިރާހަމައަށް ކަމަށްވެސް ބުނެފައި ވެއެވެ.
ކޮންމެއަކަސް ސާމްޕަލް ނުނެގުން، ނެގުން ލަސްކުރުން ތަހުލީލު ލެބޯޓްރީގެ ފަރުވާ ކުޑަކަން އަދި ފުލުހުންގެ ބަޔާންތަކުން ދޭހަ ވަނީ، މީގައި އޮއްބާލުމާއި މަތިޖެހުމުގެ ބައެއް ހިމެނޭ ހެންނެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުގައި ޓަލްވީން ސިންގ ގެ ކޮލަމްގައި ބުނެފައި ވަނީ ހާތްރާސް މައްސަލައަކީ އިންޑިއާގެ މޫނުދައްކައިދޭ ލޯގަނޑެއް ކަމުގައެވެ.
"އިންޑިއާގައި ދިރިއުޅޭ ނަމަ މިންވަރެއްގެ އަނިޔާވެރިކަމަކީ، އާންމު ކަމެއްކަމުގައި ބަލާށެވެ... ކަމުގެ އާދައިގެ ކަމުން، ޅަފުރައިގެ އަނެހެން ކުދިންނާއި އަންހެނުން އަވަށްތަކުގައި ރޭޕްކޮށްލުމުން އަހަރަމެން މޫނު އަނބުރާލާނީ އަނެއް ފަރާތަށެވެ." ޓަލްވީން ސިންގ ލިޔުނެވެ.
"ސުޕްރީމް ކޯޓުގެ ޙުކުމް ގައި ބުނެފައި ވަނީ އަނެހެނަކު ތިމަން ރޭޕް ކޮށްފިއޭ ބުނެފިނަމަ، އޭނާގެ ބަސް ހެއްކަކަށް ފުދޭ ކަމަށެވެ. އެކަމަކު ޔޯގީ އަދިތިޔަނާތު، ގާނޫނު މާނަކުރަނީ އޭނާއަށް ހެޔޮވަރު ގޮތަށެވެ." ސިންގ ގެ ކޮލަމްގައި ބުނެފައި ވެއެވެ.
ހާތްރާސްއާއި ޔޯގީ:
ހާތްރާސް އަވަށުގައި ހިންދީ މަތީ ފަންތީގެ ބްރަހަމަނުންނާއި ތާކޫރުންގެ 600 ގެ ހުރެއެވެ. މިމީހުންގެ މެދުގައި އެމީހުންނަށް ނޯކިރީ ކޮށްދޭ، 15 ޑާލިޓް އާއިލާއެއް މިއަވަށުގައި އުޅެއެވެ.
ސްޓޭޓްގެ ޗީފް މިނިސްޓަރަކީވެސް މި ފަންތީގެ ތާކޫރު އާއިލާއަށް ނިސްބަތްވާ މީހެކެވެ. ފުރާވަރުގެ ފިރިހެން ކުދިންނަށް ކާންދީ ގެންގުޅޭ އާޝަރަމްއެއް ހިންގާ، މިމީހާ، ދުނިޔެ ދަންނަނީ އަދިތްޔަނާތު ޔޯގީގެ ނަމުންނެވެ.
އޭނާގެ އަސްލު ނަމަކީ، އަޖޭ ސިންގ ބިޝްތުއެވެ. މެކޭނިކަލް އިންޖިނޭރެކެވެ. މާދަމާ އިންޑިއާގެ އެންމެ އުސް ގޮނޑީގައިވެސް އޭނާ އިނދެފާނެއެވެ.
ލިޔުންތެރިޔާ، އަރުންދަތީ ރޯއީ ލިޔުނު ގޮތުގައި ޔޯގީ ވެރިކަން ކުރާ އުއްތްރަ ޕްރަދޭޝްއަކީ އިންޑިއާގައި ފުލުހުންގެ ބަންދުގައި ތިބެ އެމީހުން އަތުން ކޮންމެ އަހަރަކު މަރުވާ 1700 އެއްހާ މީހުންގެ ތެރޭން 400 މީހުންނަކީ ޔޫޕީގެ ފުލުހުންގެ އަތުން މަރުވާ މީހުންނެވެ.
ދަންވަރު ކަނު އަނދިރީގައި އާއިލާއަށްވެސް މޫނު ނުދައްކައި ޒުވާން އަންހެން ކުއްޖާ އަންދާލީ ފުލުހުންނެވެ. އާއިލާވެސް ބަންދުކޮށްފައި ދުނިޔެއާ އެކަހެރިކޮށްފައި ބޭތިއްބީއެވެ.
އިންޑިއަން އެކްސްޕްރެސްގެ ރިޕޯޓެއް ބުނާ ގޮތުން މި އާއިލާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ތޯ ބެލުމަށް ޓެސްޓް ހަދާނެ ކަމުގެ ބިރުވެސް ފުލުހުން ދަނީ ދައްކަމުންނެވެ.
ކިޔާލަން: ހާތްރާސްގައި އެއްވެ އުޅުން މަނާކޮށްފި
އަރުންދަތީ ރޯއީގެ "ރާވައިގެން ހިންގާފައިވާ ދެ ޖަރީމާއާއި މައްޔިތަކު އަންދާލުން" މަޒްމޫނުގައި ބުނެފައި ވަނީ ދަންވަރު ޒުވާން އަންހެނާ އަންދާލުމަށްފަހު ފަތިހުގެ ފިންޔާއެކު ސީބީއައި ކޯޓުން 28 އަހަރު ފަހުން ބާބްރީ މިސްކިތް ތަޅާލި ހާދިސާގައި ބައިވެރިވި ބައްތިރީސް މީހުންގެ ކުށެއް ނެތް ކަމަށް ހުކުމް ކުރީއެވެ. (އެއީ މަތީ ފަންތީގެ ބައްތިރީސް ބްރަހަމަނުންނެވެ.)
ކިޔާލަން: މިސްކިތް ތަޅާލީ ދުރާލައި ރާވައިގެން
ހާތްރާސްގެ މަތީ ފަންތީގެ ޓާކޫރުންގެ ބައްދަލުވުމުގައި ބުނަނީ ތުހުމަތުކޮށްފައިވާ 4 މީހުންނަށް އިންސާފު ލިބެން ވާނެ ކަމަށެވެ. އެމީހުންގެ ހެއްކަކީ، ފޮރެންސިކް ރިޕޯޓެވެ. މީގައި ރޭޕްކޮށްފައިވާ ކަން އެނގޭކަށް ނެތްކަމަށް ބުނެފައި ވެއެވެ.
ހާތްރާސްގައި މިމީހުން އެއްވީ ބީޖޭޕީގެ ލީޑަރު ރާޖްވީރް ސިންގ ޕެހެލްވާންގެ ގޭގެ ގޯތި ތެރޭގައެވެ. ފުލުހުން ބުނަނީ އަމިއްލަ މީހެއްގެ ސަރަހައްދުގައ އެއްވުމަކަށް އެމީހުންނަށް މަނައެއް ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ހާތްރާސްގެ މަޒްލޫމް އާއިލާއާ ބައްދަލު ކުރަން ދިޔަ ރާހުލް ގާދީ އަނިޔާވެރި ގޮތަކަށް ފުލުހުން ފޮޅާލީއެވެ. އަދި އޭނާގެ ކޮއްކޮ ޕްރިޔާންގެ އުރަމައްޗާ ދިމާލުން ފުލުސް ފިރިހެނަކު ގަމީހުގައި ހިފާ ދެމެދުމުން ޝީވް ސޭނާގެ ލީޑަރަކު ހައިރާން ކަމާއެކު ބުނެފައި ވަނީ "އަޅެ ފަހެ! ޔޫޕީގައި އަނެހެން ފުލުހުން ހަމަ ނުތިބެނީ ހެއްޔެވެ؟"
ޕެހެލްވާންގެ ގޭގައި ތާކޫރު ބްރަހަމިންގެ 500 މީހުން އެއްވިއެވެ. މުޅި ބަސްތީ އެއްކޮށެވެ.
މިމީހުންގެ ވާހަކައަކީ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އަނިޔާވެރި ކަމުގައެވެ. އެމީހުންނަށް އިންސާފު ލިބި މިނިވަން ވާން ޖެހޭނެ ކަމަށެވެ.
މުޒާހަރާތަކާ ގުޅިގެން މިހަތަރު މީހުން މިހާރު ހައްޔަރުކޮށްފައިވަނީ ރޭޕްގެ ތުހުމަތުގައެވެ. ފަހުން މީހަކު މެރުމުގެ ތުހުމަތުވެސް އެއްކޮށްފައި ވެއެވެ.
މީގެ އިރުކޮޅެއް ކުރިން ބީމް އާރމީގެ ވެރިޔާ، ޗަންދްރަ ޝޭކަރު އާޒާދު ވަނީ ހާތްރާސްއަށް އެތެރެވެފައެވެ.
ފިއްތުންތަކާ ހެދި ޔޯގީ ވަނީ ސީބީއައިން މިމައްސަލަ ތަހްގީގުކުރުމަށް އެދިފައެވެ. އާއިލާއިން ވަނީ ސީބީއައިގެ ތަހްގީގަކަށް ދެކޮޅު ހަދާފައެވެ. އެމީހުން ބުނެފައި ވަނީ ބޭނުން ވަނީ ސުޕްރީމް ކޯޓުން ހިންގާ ތަހްގީގެއް ކަމަށެވެ.
ޔޯގީ އެކުލަވާލި ސްޕެޝަލް އިންވެސްޓިގޭޝަން ރިޕޯޓް ލިބުމުން އޭނާ ވަނީ ސުޕްރިޑެންޓް އޮފް ޕޮލިސްއާއި އޭނާގެ ޑެޕިއުޓީއާއި ހިސާބު ގަނޑުގެ އިންސްޕެކްޓަރާއި އިތުރު އެހެން ބައެއް މަސްއޫލުވެރިންވެސް ވަގުތުން ސަސްޕެންޑް ކޮށްފައެވެ.