ޒަކާތުގެ ފައިސާ ބަހަން ފައްޓައިފިއެވެ. މިއީ ގިނަ ބަޔަކު ޝައުގުވެރިވެގެން ކިޔާލި ޚަބަރެކެވެ. ސްމާޓްފޯނުން ހޭލި ނިއުސްއިން މި ޚަބަރު ކިޔާފައިވާ މީހުންނަކީ ޔަގީނުންވެސް ޒަކާތުގެ ހައްގުވެރިން ނެއް ނޫނެވެ. ލަފާ ކުރެވޭ ގޮތުގައި އެމީހުން މި ޚަބަރު ކިޔާފައިވަނީ އުފަލާއެކު، އެމީހުން ދިން ޒަކާތަށް ވެގެންދާ ގޮތް ބެލުމަށެވެ.

ދިވެހި މުސްލިމުން ކޮންމެ އަހަރަކު ޒަކާތް ދައްކައެވެ. އަދި ޒަކާތް ދައްކާ މީހާ ޒައްކާތް ދައްކާ ފަދައިން އިސްލާމިކް މިނިސްޓްރީން ލިސްޓެއް ތައްޔާރުކުރުމަށްފަހު ކުދި ފައިސާ ކޮޅުކޮޅުން މޭޒު ބަހައްޓައިގެން މިފައިސާ ކޮޅު ބަހައި ވެސް ދެއެވެ.

21 ވަނަ ގަރުނުގައި ޒަކާތު ފައިސާ ބަހާ ގޮތާމެދު ހަމަ އެއްޗެއް ހިތަށް އެރީއެވެ. މި ވާހަކަ ގުޅެނީ ކޮރޯނާ ވައިރަސްއާވެސް މެއެވެ.

ވަޒީފާ އަދާކޮށްގެން އަބުރުވެރިކަމާއެކު އާމްދަނީ ހޯދަމުން ދިޔަ އެތައް އާއިލާއެއް ނުކުޅައްދާލި މި ވައިރަސް އިން ދުނިޔެއަށް ދައްކައިދީފައި ވަނީ ޑޭޓާގެ މުހިންމު ކަމެވެ. އާދެ! ޑޭޓާ އެވެ.

ޒަކާތުގެ ފައިސާ އާ ގުޅިގެންވެސް ޑޭޓާ ބޭނުންކޮށް ސައިންޓިފިކް ގޮތަކަށް މި ފައިސާ އޭގެ ހައްގު ވެރިންނަށް ފޮނުވުން ކިހިނެއްވާނެ ބާވައޭ ހިތަށް އަރައެވެ.

ވަޙީގެ ބަސްފުޅާ އެއްގޮތަށް ޝަރުއީ ހަމަތަކުން ޒަކާތު ފައިސާ ނަގައި ކޮންމެ ގޮތަކަށް ދިނަސް އޭގެ ހައްގުވެރިޔާއާ ހަމައަށް އެފޯރަނީ ނަމަ ޑރ. ޢިޔާޟް ޓުއީޓެއް ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް މިއަދުގެ ތަހްޒީބު މުޖުތައުގައި ކަން ހިނގަނީ މިއަށްވުރެން މާބޮޑަށް ރޭވި އިންތިޒާމު ކުރެވިގެންނެވެ.

ބޭންކް އެކައުންޓެއް ނެތް މީހާއަށް ބޭންކް އެކައުންޓެއް ހުޅުވައިދީ، އެފައިސާ އޭނާގެ އެކައުންޓަށް ލައިދިނުން، މިއީ އިތުރަށް އެޅިދާނެ އެއް ފިޔަވަޅެކެވެ. ދެ ބޭނުމެއްގައެވެ. މީހާ ދަމާފައި ގެނަސް ގަނޑެއްގައި ސޮއިކުރުވާފައި ސިޓީ އުރަ ދިނުމުގެ ބަދަލުގައި އިއްޒަތްތެރި، އަބުރުވެރިކަމާ އެކު އޭނާއާ ހަމައަށް ފައިސާ ގެންގޮސް ދިނުމުގެ މަގްސަދުގައެވެ.

ދެން އޮތީ މިކަމުގެ އަނެއް ބައެވެ. އަބަދުވެސް ޒަކާތް މި ދެވެނީ އެއް ބަޔަކަށް ހެއްޔެވެ؟ ކުރީ އަހަރުވެސް ނުވަތަ ކުރީ ފަސް އަހަރުވެސް ޒަކާތް ލިބިގަތް މީހުން އަދިވެސް ޒަކާތުގެ ދަފްތަރުގައި ހަމައެބަ ތިބި ތޯއެވެ؟ ޑޭޓާ މައިން ކޮށް ފަގީރުކަން ފިލައިގެން ނުގޮސްގެން އުޅޭ ސަބަބުތައް ދިރާސާ ކުރަންވީއެވެ.

ދައުލަތުގެ މަގްސަދަކީ، މީހުންގެ އިޖުތިމާއީ ހާލަތު ރަނގަޅުކޮށް، ފަގީރުކަމުން މިމީހުން ސަމާލަތް ކޮށް ދިނުމެވެ. ފަހަން ދަސްކޮށްދީ ފަހާފޮށްޓެއް ގަނެދިނުމުން މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފާނެއެވެ.

އެފްރިކާގެ ގާނާ ގައި، ޒަކާތު ފައުންޑޭޝަން އޮފް އެމެރިކާއިން ހިންގި މައިކްރޯ ކްރެޑިޓް ފަނޑަކުން 30 އަންހެނަކު ފަގީރުކަމުން ސަލާމަތް ކޮށްދިނެވެ. އެމީހުންނަށް ފަންޑް ކޮށްދިނީ، ދަނޑިއަލުވި މީހުން އަތުން ގަނެގެން ވިއްކަން ކޯޕަރޭޓިވް ސޮސައިޓީއެއް ހެދުމަށެވެ. މި 30 އަންހެނުން މިހާރު ޒަކާތު ފައިސާގެ ހައްގުވެރި ބަޔަކަށް ނުވެއެވެ.

ދެން އޮތީ މި އަހަރު އައު ބަޔަކު ޒަކާތު ހައްގުވެރިންގެ ލިސްޓަށް އިތުރު ވެއްޖެ ހެއްޔެވެ؟ ސަބަބު ހޯދައި ބަލަމާ ހެއްޔެވެ؟ ރަތް ދިދަ ނަގަމާ ހެއްޔެވެ؟ ދައުލަތުގެ ސިޔާސަތުގެ މަގްސަދަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުވެ. އެހެން ވީއިރު މިއަހަރު އެންމެ މީހަކު ވިއަސް ދިރިއުޅުމުގެ ފެންވަރު ދަށްވާން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ޑޭޓާގެ މައިންކޮށް ބޭނުން ކުރަން ޖެހެނީ މިސަބަބާ ހެދިއެވެ.

ގެވެށި ދިރިއުޅުމުގެ ޑޭޓާ ނުވަތަ ހައުސްހޯލްޑް ލެވެލް ޑޭޓާ ނަގައި ތަހްލީލު ކުރުމުން މިކަމުގައި ވެގެން އުޅޭ ގޮތް ސާފުވާނެއެވެ.

މިސާލަކަށް ލޭބަރ ފޯސް ސާރވޭ ގެ ޑޭޓާ ސަރުކާރުން ގެންގޫޅޭނަމަ އެއީވެސް މީގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. އަދި ދިރިއުޅުމުގެ ފެންވަރާ ގުޅޭ ސާރވޭ ޑޭޓާ ގެންގުޅޭ ނަމަ އެއަށްވެސް ފީނައިގެން ބެލިދާނެއެވެ. އަދި އާސަންދަ ޑޭޓާ ބޭނުންކޮށްގެންވެސް ހާލަތު ވަޒަންކޮށް މުސްތަގަބަލަށް ގޮތްތައް ރޭވިދާނެއެވެ.

ކިޔާލަން: ކަނޑު އަޑީގެ ޑޭޓާ ސެންޓަރުގެ ވާހަކައިން އުފާވެގެން

ކޮވިޑް އާ ގުޅިގެން ސަމާލުމަކަށް އައިސްފައިވަނީ ޑޭޓާގެ ދެ ވައްތަރެކެވެ. ސައިންޓިފިކް ޑޭޓާއާއި ބިހޭވިއަރަލް ސުލޫކީ ޑޭޓާއެވެ. ސަރުކާރުން އިގްތިސާދީ އެހީތެރިކަން ފޯރުވައިދީ އެއިން އެއްކުރެވިފައިވާ ޑޭޓާއަކީވެސް މަޢްލޫމާތުގެ މުއްސަނދި ޚަޒާނާއެކެވެ. ސްޓްރަކްޗަރ ކުރަން ޖެހޭ ރޮލާ އޮތް ޑޭޓާގެ ޚާޒާނާއެކެވެ.

އަޅުގަނޑު ޔަގީން ކުރަނީ މިނިސްޓަރ މަލީހު، ބިގް ޑޭޓާ މައިން ކުރެއްވުމުގެ ވިސްނުންފުޅަކާއި ވިޜަންއެއް ގެން ގުޅުއްވާނެ ކަމަށެވެ.