ހާތްރާސް ގޭންގް ރޭޕް ކޭސްގައި އައްލާހްއާބާދު ހައިކޯޓުން ސުއާލުކުރަން ޗިޓް ފޮނުވާފައިވާ ފުލުހުން ކޯޓަށް ހާޒިރުކުރުމަށް ވަކީލު ތަހްސީން ޕޫނާވާލާ ކޯޓަށް ހުށަހަޅައިފިއެވެ.
ހާތްރާސް ގޭންގް ރޭޕް ކޭސްގައި ކޯޓުން ޗިޓް ފޮނުވާފައި ވަނީ ފުލުހުންގެ ނަމަކުއެއް ނޫނެވެ. ނަމަވެސް އެމީހުންގެ މަގާމަށެވެ. އަދި މިޗިޓާއެކު ޔޫޕީ ސަރުކާރުން ވަނީ މިމީހުން ސަސްޕެންޑް ކޮށް ބައެއް މީހުންގެ ވަޒީފާ ބަދަލުކޮށްފައެވެ.
ކިޔާލަން: ހައިކޯޓުގެ ސުއޯ މޯޓޯ ކޭސް
ޕޫނާވާލާ އެދިފައިވަނީ މިމީހުން ނަމުން ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ.
މަސްތުވާތަކެއްޗަށް މަޒްލޫމާގެ އާއިލާ ޓެސްޓް ކުރުވުމަށް މަސައްކަތް ކުރަމުންދާތީ އެކަންވެސް އޭނާ ވަނީ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައެވެ.
އިންޑިއާގެ ގާނޫނު ބުނާ ގޮތުން ރޭޕްގެ ޝިކާރައަކަށްވެފައިވާ މީހެއް ނުވަތަ އޭނާގެ އާއިލާގެ މައްލޫމާތާއި ފޮޓޯ މީޑިއާގައި ހާމަކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ބިރެއް ނެތި، ވެރިކަން ކުރާ ބީޖޭޕީގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ ވެރިޔާ އަމިތު މަލްވިޔާ ވަނީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ ފޮޓޯ ހާމަކޮށް ޓުވީޓް ކޮށްފައެވެ.
ކިޔާލަން: ރޭޕްކޭސް އެކޮޅުކޮޅުން ޖަހާލުމުގެ މަސައްކަތެއް
އިންޑިއާގެ އަންހެނުންނާ ބެހޭ ގައުމީ ކޮމިޝަން އިން ބުނެފައިވަނީ މިއީ ހިތާމަހުރި ކަމެއް ކަމަށާއި މިމައްސަލަ ބަލާނެ ކަމަށެވެ.
ރޭޕް ވިކްޓިމްގެ ފޮޓޯ ހާމަ ކުރާ މީހެއްގެ އަދަބަކީ ގާނޫނު ބުނާ ގޮތުން ދެ އަހަރު ދުވަހަށް ޖަލަށް ލުމެވެ.
ހާތްރާސްގެ ރޭޕްގެ ޝިކާރައަކަށް ވި ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ނިއުޔޯރކްގެ ޓައިމްސް ސްކްއެއަރ ގައިވެސް އިއްޔެ މުޒާހަރާކޮށްފައި ވެއެވެ. އަދި ފިލަޑެލްފިޔާއާއި މިޗިގަންއާއި ޑިޓްރޮއިޓްގައިވެސް މީހުން މުޒާހަރާ ކޮށްފައި ވެއެވެ.
މީގެ ކުރިން އިންޑިއާ ލޮޅުވާލި ރޭޕް ކޭސް، 2012ގެ ނިރްބާޔާގެ މައްސަލާގައި ގާނޫނީ ވަކީލަކަށް އުޅުނު ސީމާ ޚޫޝްވާހާ ވަނީ މިމައްސަލާގައި ވަކާލާތު ކޮށްދޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނިގޮތުގައި އާއިލާއިން ވަނީ އެމީހުންގެ ފަރާތުން ވަކާލާތުކޮށް ދިނުމަށް އޭނާ އަށް ހުއްދަ ދީފައެވެ.
ކޮންގްރެސްގެ އިސްލީޑަރެއްކަމަށްވާ އަދީރް ރަންޖަން ޗޯދްރީ ވަނީ ހާތްރާސް މައްސަލާގައި މޮދީ ހިމޭނުން ހުންނެވީ ކިއްވެގެންތޯ ސުއާލު އުފައްދާފައެވެ.