ޗައިނާގައި ހަނގުރާމައާއި ކޮމިއުނިސްޓް އިންގިލާބަށްފަހު 1949ގައި ޗައިނާ ހިން ދެމިލިއިރު، އެގައުމުގައި އެމެރިކާއާއި ރަޝިޔާއާ ވާދަކުރާ ވަރުގެ އިގްތިސާދެއް ނެތެވެ. އަދި ސިނާއީ އޮނިގަނޑެއްވެސް ނެތެވެ. ސިނާއީ ދާއިރާގެ ހުސްކަން ފޭބެއްދުމަށް ޗައިނާއަށް އެހީތެރިވެ ދިނީ 1950ގެ އަހަރުތަކުގައި ރަޝިޔާއިން ޗައިނާއަށް ވެދިން އެހީތެރިކަމެވެ. 1970ގައި އެމެރިކާއިން އަދި 1980 ގައި ޔޫރަޕްގެ ޖަމާއަތުން މިފަދަ އެހީތެރިކަމެއް ޗައިނާއަށް ވެދިނެވެ.

މިހުރިހައި ކަމަކާއެކުވެސް ޗައިނާއިން ތަޖުރިބާކުރި ކަލްޗަރަލް ރެވަލޫޝަންގެ ސަބަބުން ޗައިނާގެ ތަރައްގީ ދިޔައީ ފަޔަތަށެވެ. ޓެކްނޮލޮޖީގެ ރޮގުންނާއި ސައިންޓިފިކް ރިސަރޗްގެ ރޮނގުން ޗައިނާ އޮތީ ވަރަށް ފަހަތުގައެވެ.

ޗައިނާއިން އަމިއްލަ އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރު ކޮށްފައި ވަނީ ޗައިނާއިން އަމިއްލައަށް ކުރި ރިސާޗް މަސައްކަތުގެ ތެރެއަށް ޖާސޫސްކޮށްގެން ހޯދި މަޢްލޫމާތުންނެވެ. ޗައިނާއަށް އެމެރިކާއާއި ރަޝިޔާއިން ލިބުނު ހަތިޔާރާ ބެހޭ ޓެކްނޮލޮޖީ ރަނގަޅަށް ޗައިނާއިން ދިރާސާ ކުރިއެވެ.

ޗައިނާއިން އެމެރިކާގެ ސްޓެލްތު ބޮމާގެ ކޮޕީއެއް އުފައްދައިފި

ޗައިނާއިން އެމެރިކާގެ ސްޓެލްތު ބޮމަރގެ ނަކަލުތައް އުފެއްދި ގޮތަށް ޗައިނާއިން ވަނީ އެމެރިކާއާއި ރަޝިތާގެ އެހެންވެސް އަސްކަރީ ސާމާނުތަކުގެ ނަކަލުތައް ކުޅަދާނަކަމާއެކު، އުފައްދާފައެވެ.

ޗައިނާގެ ޖޭ7 މަތިންދާ ބޯޓަކީ، މިފަދަ އެއް އުޅަނދެވެ. ރަޝިޔާއިން އެގައުމުގެ މިގް21 މަރުކާގެ މަތިންދާ ބޯޓްގެ ބްލޫޕްރިންޓްތައް ޗައިނާއަށް ދިނެވެ. މި ކުރެހުންތަކަށް ބަލައިގެން ޗައިނާއިން މަސައްކަތް ކޮށްގެން އުފެއްދީ މިގް21 ގެ އަސްލާ އެއްވަތަރުގެ ކޮޕީއެކެވެ، ޖޭ7 މަރުކާގެ މަތިންދާ ބޯޓެވެ. ޗައިނާއިން މި ބޯޓް އެކސްޕޯޓް ކުރާއިރު މިއަށް ދީފައިވާ ނަމަކީ އެފް7 އެވެ.

އެމެރިކާއާއި ޗައިނާގެ ގުޅުން ރަނގަޅު ވުމުން ޗައިނާއިން ވަނީ އެމެރިކާގެ ޕައިލެޓުން ތަމްރީން ކުރުމަށްވެސް އެފް7ގެ ބޯޓްތައް ވިއްކާފައެވެ.

އެއަށްފަހު ދެން އައީ، ޗައިނާގެ ޖޭ11 މަރުކާގެ މަތިންދާ ބޯޓެވެ.

1990ގައި ރޫސީވިލާތް ރޫޅިގެން ދިއުމާއެކު ޗައިނާއާއި ރަޝިޔާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ވިއެވެ. އެދުވަސްވަރު ބަނޑަށް ޖެހުމާ ކައިރިވެފައިވާ ރަޝިޔާއަށް އަސްކަރީ ސާމާނު ގަންނާނެ ކަސްޓަމަރުން ބޭނުންވިއެވެ.

އެދުވަސްވަރަކީ ޓިއަނަމަން ސްކުއެއަރގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕުން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދުވަސްވަރެކެވެ. އެހެންވެ، ޗައިނާއަށް އައު އަސްކަރީ ޓެކްނޮލޮޖީ ބޭނުންވިއެވެ.

ޗައިނާއާއި ރަޝިއާއާ ދެމެދު 1990ގައި ބޮޑެތި އަސްކަރީ ވިޔަފާރީގެ މުއާމަލާތުތައް ހިނގާފައި ވެއެވެ. މިއިން އެންމެ މުހިންމު އެއް މުއާމަލާތަކީ، ރަޝިޔާގެ އެސްޔޫ27 މަރުކާގެ މަތިންދާ ބޯޓް ވިއްކުމާއި، އޭގެ ސައިލެންސާއި ޓެކްނޮލޮޖީ ޗައިނާއަށް ވިއްކުމުގެ މުއާމަލާތެވެ.

އެސްޔޫ27 މަރުކާގެ ބޯޓަކީ، އެތައް ރޯލެއް އަދާކުރާ ޒާތުގެ ހަނގުރާމަ މަތީ ފައިޓަރޖެޓެކެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ލިބިގެން ދިޔައީ، އެއިރު އޮތް އެންމެ ނުރައްކާތެރި އަދި ވައިގެ ހަނގުރާމައިގައި އެންމެ މަތިވެރިކަން ލިބޭ ޒާތުގެ މަތިންދާ ބޯޓެއް އުފެއްދުމުގެ ގާބިލް ކަމެވެ. ބަދަލުގައި ރަޝިޔާއަށް އެގައުމުގެ ވައިގެ އުޅަނދުތައް އުފެއްދުމުގެ ދާއިރާއަށް ބޭލުންވާ މާލީ ދިރުން ލިބިގެން ދިޔައެވެ.

މިއިން ދެގައުމުގެ ދެމެދު އަނެއްކާވެސް ދެބަސްވުންތައް އުފެދެން ފެށިއެވެ. ރަޝިޔާއިން ތުހުމަތު ކުރިގޮތުގައި ޗައިނާއިން ވަނީ އެސްޔޫ27 ގެ ޓެކްނޮލޮޖީ ވިއްކުމުގެ އެއްބަސްވުމާ ޚިލާފްވެފައެވެ.

ޗައިނާއިން މި މަތިންދާ ބޯޓްތަކުގައި އެމީހުންގެ އަމިއްލަ ރޭޑާ ސިސްޓަމް ހަރުކުރަން ފެށިއެވެ. ޗައިނާއިން މި ބޯޓް އުފައްދައި ޖޭ11 މަރުކާގެ ނަމުން ނަން ދިނެވެ. އަދި ޗައިނާއިން މަނަވަރު މަތީގައި ގެން ގުޅެން އެކަށީގެންވާ ވައްތަރެއްވެސް މިއިން އުފައްދަން ފެށިއެވެ. ރަޝިޔާއިން ބުނީ އެއްބަސްވުމާ ޚިލާފް އަމަލެއް ކަމަށެވެ.

ޗައިނާއަށް ރަޝިޔާގެ އަސްކަރީ ޓެކްނޮލޮޖޯ ވިއްކުމަކީ ހިތިކަމެއްކަން މޮސްކޯއަށް އިހުސާސް ވިއެވެ.

ޗައިނާއިން އެމެރިކާއަށް ގަދައަށް ޖާސޫސް ކުރަމުންދާ ކަން އާންމުންގެ ސަމާލުކަމަށް އައީ، އެޑްވަރޑް ސްނޯޑަން ފާއްދާލި ލިޔުންތަކުންނެވެ. އޭނާ ފާއްދާލި މައްލޫމާތުން އެނގުނީ، ޗައިނާއިން އެމެރިކާއާ ދެކޮޅަށް ހިންގާ ސިނާއީ ޖާސޫސީ ހަރަކާތުގައި ވަގަށް ނެގި މަޢްލޫމާތުގެ ތެރޭގައި އެމެރިކާގެ އެފް35 މަރުކާގެ މަތިންދާ ބޯޓާ ބެހޭ މަޢްލޫމާތު ހިމެނޭ ކަމަށެވެ.

މިވާހަކައިގެ ތެދުކަން ގަބޫލު ކުރެވުނީ، ޗައިނާއިން ޖޭ 31 މަރުކާގެ ރޭޑާއަށް ނާރާ ވައްތަރުގެ ސްޓެލްތު ފައިޓަރ މަތިންދާ ބޯޓް ހާމަ ކުރުމުންނެވެ. ޖޭ 31 އަކީ އެމެރިކާގެ އެފް35 މަރުކާގެ މަތިދާ ބޯޓްގެ ލާމަސީލު ކޮޕީއެކެވެ.

އެފް35 އަކީ އެމެރިކާއިން ވަރަށް ފަޚުރުވެރިކަމާއެކު ދުއްވާ މަތިންދާ ބޯޓެކެވެ. މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ފޯޅަވަހީގައި އެފް35 މަރުކާގެ ގިނަ ބޯޓްތައް ބަހައްޓާފައި ވެއެވެ.

ޗައިނާއިން ވަނީ ޖޭ31 މަރުކާގެ ބޯޓްތައް މަތިންދާ ބޯޓް އުފުލާ މަނަވަރަށްވެސް ލާފައެވެ.

ޗައިނާއަކީ 2010އާ ހަމައަށް ޑްރޯން ޓެކްނޮލޮޖީގައި ވަރަށް ފަހަތުގައި އޮތް ގައުމެކެވެ. މިހާރު ޗައިނާއަކީ ޑްރޯން ޓެކްނޮލޮޖީގައި ކުރިއަރާފައިވާ އެމެރިކާއާއި އިޒްރޭލާ އެއްވަރަށް ވާދަކުރެވޭ ފެންވަރުގެ ގައުމެކެވެ.

މިދިޔަ މަހު ޗައިނާއިން އިޢްލާން ކޮށްފައި ވަނީ ޑްރޯން އުފެއްދުމަށް ޚާއްސަ ޓެކްނޮލޮޖީ ޕާކެއް ޗައިނާއިން ބިނާކޮށް ނިންމައި މަސައްކަތް ފެށިކަމަށެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ޗައިނާއިން ޑްރޯން އުފެއްދުމުގައި ކުރިއެރުން ހޯދާފައި ވަނީ އެމެރިކާއާއި އެހެން ގައުމުތަކުގެ އަމިއްލަ ޑްރޯން އުފައްދާ ފަރާތްތަކުން ޓެކްނޮލޮޖީ ހޯދައިގެންނެވެ.

މީގެ އިތުރުން އެމެރިކާއިން އެންމެ ކުރިއަރާފައިވާ ނައިޓްވިޜަން ޓެކްނޮލޮޖީގައިވެސް ޗައިނާ އަކީ އެމެރިކާގެ ވާދަވެރިއެކެވެ.

ޗައިނާއިން އެންމެ ފަހުން އިޢްލާން ކުރި އެންމެ ނުރައްކާ ހަތިޔާރަކީ، ޑީއެފް21 އާއި ޑީއެފް26 މަރުކާގެ މިސައިލްއެވެ. ޗައިނާގެ މީޑިއާއިން އަސްކަރީ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ މިއީ މަތިންދާބޯޓް އުފުލާ މަނަރުތައް ދުރުން އެތައް ގޮތަކަށް ކޮންޓްރޯލްކޮށްގެން ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއެއް ކަމަށެވެ.