ހުޅަނގުން އިތުބާރުކުރާ ގައުމުތަކުން މީހުން ހޯދައި ޗައިނާއަށް ޖާސޫސްކުރުވާކަމަށް، އެމެރިކާގައި ޙުކުމް ކޮށްފައިވާ ސިންގަޕޯރ މީހާގެ މައްސަލައިން ހާމަވާ ކަމަށް މުހައްލިލުން ބުނެއެވެ.

އުމުރުން 39 އަހަރުގެ ޖުން ވެއި ޔެއޯއަކީ ޕީއެޗްޑީ ހެދުމަށް އެމެރިކާގައި ކިޔަވަމުންދާ މީހެކެވެ. އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ޗައިނާއަށް ޖާސޫސް ކޮށްދިން ކަމަށް އެއްބަސްވެފައެވެ. އަދި ހުރިހައި މަރުހަލާއެއްގައިވެސް އޭނާ ވަނީ އެފްބީއައިއާ ގުޅިގެން، ހުރިހައި ތަފްސީލެއް ދީފައެވެ.

ކިޔާލަން: ޗައިނާއަށް ޖާސޫސްކޮށްދިން ކަމަމަށް ބުނެ ރާޖީވް ޝަރުމާ ހައްޔަރުކޮށްފި

ކިޔާލަން: ސީއައިއޭގެ އެޖެންޓަކު ޗައިނާއަށް ޖާސޫސްކޮށްދީފި

އޭނާ ޗައިނާއަށް ފޯރުވައި ދިން މަޢްލޫމާތެއް ހާމަކޮށްފައި ވަނީ ނުބައި ނިޔަތެއްގައި ނޫންކަމަށާއި އެއީ، ޗައިނާއަށް އޮތް ލޯއްބަކުން ކޮށްފައިވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މިމީހާ އެމެރިކާގައި މީހުން ދަންނަނީ ޑިކްސަން ޔޯއޯގެ ނަމުންނެވެ.

އޭނާ ޗައިނާއަށް ފޯރުވާފައިވާ މަޢްލޫމާތަކީ ސިއްރު މަޢްލޫމާތެއް ނޫނެވެ. ނަމަވެސް އެއީ އާންމުކޮށް ލިބެން ހުރި މަޢްލޫމާތެއްވެސް ނޫނެވެ.

އެމެރިކާގެ މުހިންމު މަގާމުތަކުގައި ތިބި މުވައްޒަފުންނާ ގާތް ގުޅުމެއް އުފައްދައި އެމީހުން ލައްވައި، އޭނާ ވަނީ ރިޕޯޓްތައް ތައްޔާރު ކުރުވާފައެވެ. ޔެއޯ މިމީސް މީހުން ކައިރީ ބުނެފައިވަނީ، އެ ރިޕޯޓްތަކަކީ އޭޝިއާގެ ކުންފުނިތަކުން އެދިގެން އެފަރާތްތަކަށް ފޮނުވަން ހޯދާ ރިޕޯޓްތަކެއް ކަމަށެވެ. އެހެންނަމަވެސް ހުރިހައި ރިޕޯޓެއް ފޮނުވާފައި ވަނީ ޗައިނާއަށެވެ.

މީގެ އިތުރުން އަސްކަރީ ތަހުލީލުތައް ހެދުމަށް ވަގު ކުންފުންޏެއް ހަދައި މުވައްޒަފުންނާއި މުހައްލިލުން ހޯދުމުގެ ބޭނުގައި އިޢްލާން ޖަހައި، އެތާ ވަޒީފާއަށް ކުރިމަތިލާން އެދިގެން ސީވީތައް ފޮނުވި، ސިފައިންގެ މީހުންގެ ސީވީތައް ޗައިނާއަށް ޔެއޯ ވަނީ ޗައިނާއަށް ފޮނުވާފައެވެ.

ކޯޓަށް ދީފައިވާ މަޢްލޫމާތުން އެނގެނީ ޗައިނާއިން ޔެއޯ ރެކްރޫޓް ކުރީ، ބެއިޖިންގ ގައި އޮތް ފޯރަމެއްގައި ބައިވެރިވާން ގޮސް އުޅެނިކޮށް އެތަނުންނެވެ.

އޭނާގެ ހަރަކާތްތައް އެފްބީއައިގެ ރޭޑާއަށް އެރުމަށްފަހު އެފްބިއައިން އޭނާއާ އިންޓަރވިއު ކުރަން އެދުނީ، އޭނާ މަތިންދާބޯޓަކަށް އަރަން އުޅެނިކޮށެވެ. ފުރަތަމައަށް އިންކާރު ކުރުމަށްފަހު ފަހުން އަނބުރާލައި އައިސް އެފްބީއައިއާ ގުޅިގެން މަޢްލޫމާތު ހާމަކުރީއެވެ.

ޔޮއެއޯ އެމެރިކާގައި ހައްޔަރުކުރުމާ ގުޅިގެން ހާމަކޮށްފައިވާ މަޢްލޫމާތުން އެނގިފައި ވަނީ ސިންގަޕޯރގައި އޭނާ ކިޔަވިއިރު ލީ ކްވާން ޔޫ ޔުނިވަރސިޓީގައި އޭނާގެ ސުޕަރވައިޒަރަކީވެސް ބޭރު ގައުމެއްގެ އެޖެންޓެއްކަމަށް 2017 ގައި ސިންގަޕޯރ ސަރުކާރުން ލޭބަލްކޮށްފައިވާ މީހެކެވެ. މިމިހާއަކީ ޗައިނާ ދަރިކޮޅުގެ އެމެރިކާ ރައްވެއްސެކެވެ.

ކުރިން ހާމަކޮށްފައިވާ ގޮތުން ޔެއޯއަށް 10 އަހަރުގެ ޖަލު ހުކުމެއް ލިބޭނެއެވެ. ނަމަވެސް އޭނާއަށް ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުގައި އިއްވާފައި ވަނީ 14 މަހުގެ ޖަލު ޙުކުމެކެވެ.

ޔެއެއޯ ބުނިގޮތުގައި އޭނާގެ އަމަލުތަކަށް އޭނާ ފުރިހަމަށް އިޢްތިރާފް ވާކަމަށެވެ. އޭނާ ބޭނުން ވަނީ އަވަހަށް ޙުކުމް ނިންމާލައި އޭނާގެ އާއިލާ ކައިރިއަށް ސިންގަޕޯރއަށް ދާށެވެ.